ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މެންބަރަކު ކަނޑައެޅުން 20 އޯގަސްޓަށް އެޖެންޑާ ކުރައްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ބ) އާއި ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނު)ގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 5 ވަނަ ނަންބަރުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މަޤާމް ހުސްވެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މެންބަރަކު ކަނޑައެޅުން 20 އޯގަސްޓް 2013 އަށް އެޖެންޑާ ކުރައްވައި، އެކަން މިއަދު އިއުލާނުކުރައްވައިފިއެވެ.

މިމަޤާމް ހުސްވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ހިމެނިވަޑައިގެންނެވި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަންއިން ވަކިވެވަޑައިގެންފައިވާތީއެވެ.

މިއަދުގެ ހެނދުނުގެ ދަންފަޅީގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހަށް އިއްވައި ދިރާސާ ކުރެއްވުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައިވެއެވެ. މިސިޓީފުޅުގައި ބަޔާންކޮށްފައިވަނީ ބޭންކް އޮފް ސިލޯނުން ހުށަހަޅުއްވާފައިވާ 29.4 މިލިޔަން އެމެރިކާ ޑޮލަރުގެ ލޯން %8 އިންޓަރެސްޓާއެކު 6 އަހަރުތެރޭ އަނބުރާ ދައްކާގޮތަށް ނެންގެވުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ހުށަހަޅުއްވާފައިވާތީ، މިމައްސަލައާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަވާދެއްވުމަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާ ސިޓީފުޅެކެވެ.

މީގެ އިތުރުން، މިއަދުގެ ޖަލްސާގައި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންފުޅުތައް، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓުގެ ބަހުސް ނިންމަވާލައްވައިފައިވެއެވެ.

މިއަދުގެ ޖަލްސާގެ ހެނދުނު ދަންފަޅީގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.

13 އޮގަސްޓް 2013