ޢިޖްތިމާޢީ ރައްކާތެރިކަމުގެ ބިލު އިތުރަށް ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވުމަށް މަޖިލީހުން ފާސްކުރައްވައިފި

މިއަދު ބޭއްވުނު 17 ވަނަ ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި، ޢިޖްތިމާޢީ ރައްކާތެރިކަމުގެ ބިލު ޢިޖްތިމާއީ ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތުގެ ރިޕޯޓް އިއްވެވުމަށްފަހު، މިބިލު އަލުން ދިރާސާކުރެއްވުމަށްޓަކައި އެކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވައިފިއެވެ. މިރިޕޯޓް މަޖިލީހުގެ ތަޅުމަށް އިއްވަވައި ދެއްވާފައިވަނީ ކޮމިޓީގެ މުގައްރިރު ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު އެވެ.

މިބިލު އަލުން ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވާފައިވަނީ 31 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 18 މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ޢިޖްތިމާޢީ ރައްކާތެރިކަމުގެ ބިލު ޢިޖްތިމާއީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ޖުމްލަ 15 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ. ޢިޖްތިމާޢީ ރައްކާތެރިކަމުގެ ބިލު މަޖިލީހަށް ހުށައެޅުއްވީ 19 އޮކްޓޯބަރ 2010 ގައެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޒިމް އެވެ.