ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސްޕެޝަލް އެންވޯއީ ރައްޔިތުންގެ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި

 DSC_0440

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު، ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސްޕެޝަލް އެންވޯއީ ސަރ ޑޮނަލްޑް މެކިނަންއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވުނު ބައްދަލުވުމުގައި، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ  ރިޔާސީ އިންތިހާބަކީ މިނިވަން، އިންސާފުވެރި އަދި ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ގޮތެއްގައި ބައިވެރިވެވޭ އިންތިހާބަކަށް ހެދުމުގެ މުހިއްމުކަމާއި ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމް އިތުރަށް ހަރުދަނާވެ، ސިޔާސީ ގޮތުން އަމާން ވެއްޓެއް ޤާއިމްކުރުމަށް މިނިވަން އަދި އިންސާފުވެރި އިންތިހާބެއް މުހިއްމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި ޕާޓީތަކުން ކަނޑައަޅާ ކެންޑިޑޭޓުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަކީ އިންތިހާބުގެ ސައްހަކަން ބަޔާންކޮށްދޭ ކަމެއް ކަމަށް ވިދާޅުވެ، އެއްވެސް ފަރާތަކުން، ކެންޑިޑޭޓުން ވާދަކުރުމަށް ހުރަސްއެޅޭނެ އެއްވެސް އަމަލެއް ނުކުރެއްވުމަށާ، އެފަދަ ކޮންމެ އަމަލަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް އެޅޭނެ ހުރަހެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ރައްޔިތަކަށް އެމީހަކު ޚިޔާރުކުރާ ކެންޑިޑޭޓަކަށް އެއްވެސް ބިރަކާއި ނުލާ ވޯޓުލުމުގެ ޙައްޤު ލިބިގެންވާކަމާއި އެ ޚައްޤު ބޭނުންކުރުމުގައި ހުރަހެއް ދިމާވުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް ކަމުގައިވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ސަރ ޑޮނަލްޑް މެކިނަންވަނީ، މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފްވެރި އަދި ހާމަކަންބޮޑު އިންތިޚާބަކަށް ހެދުމަށް، ކޮމެންވެލްތްގެ ތެރެއިން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާނޭކަމުގައި ވިދާޅުވެފައެވެ.