މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަންއިން އެމަނިކުފާނު މިހާރު ވަކިވެފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަންގަވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ބ) އާއި ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 5 ވަނަ ނަންބަރުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ހިމެނިވަޑައިގެންނެވި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަންއިން އެމަނިކުފާނު މިހާރު ވަކިވެފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު ރައީސުލްޖުމްހޫރިއްޔާއަށާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްއަށާއި އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމަށް އަންގަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު މިއަދު މި ތިން ބޭފުޅުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި، އެ ކޮމިޝަނުގައި ހިމެނޭ މެންބަރަކު، ޤާނޫނު އަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ސިޔާސީ މަޤާމަކަށް ކުރިމަތިލައިފި ނަމަ އެ މެންބަރެއްގެ އެ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމު ހުސްވެއްޖެ ކަމުގައި ބެލެވޭނެ ކަމަށެވެ. ކަން މިހެން އޮތްއިރު 7 ސެޕްޓެމްބަރ 2013 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ކުރިމަތިލައްވާފައިވާ ކަމާއި، އެ މަނިކުފާނުގެ ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން ޤާބޫލުކުރައްވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދެއްވާފައިވާ ކަމުގައެވެ.