ރައްޔިތުންގެ މަޖިލީހުން ނަގާ އިތުބާރުނެތްކަމުގެ ވޯޓުތައް ސިއްރުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާއަށާއި، އެގަވާއިދުގެ 173 ވަނަ މާއްދާއަށާއި، 177 ވަނަ މާއްދާއަށް މަޖިލީހުން ގެނައި އިޞްލާޙުތަކަކީ ޤާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 36/C-SC/2012 ޤަޟިއްޔާއިން ނިންމެވުމާ ގުޅިގެން މަޖިލީހުގައި ނަގާ ވޯޓުތަކާ ގުޅޭގޮތުން ޢާންމު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާގައި ފާސްކުރައްވައިފިއެވެ.
މިގޮތަށް ފާސްކުރައްވާފައިވަނީ 42 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 1 މެންބަރުން ވޯޓް ދެއްވާފައިވާއިރު 5 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
ކޮމިޓީގެ ރިޕޯޓުގައި 15 އޭޕްރިލް 2013 ގައި ބޭއްވުނު ކޮމިޓީގެ 8 ވަނަ ބައްދަލުވުމަށް ހާޒިރުވަޑައިގެންނެވި މެންބަރުންގެ އަޚްލަބިއްޔަތުން ފާސްކުރައްވާފައިވަނީ ސުޕްރީމް ކޯޓުގެ ނިންމެވުމާއި ގުޅިގެން ގަވާއިދަށް އިތުރު އިސްލާޙެއް ގެންނަން ނުޖެހޭކަމަށާއި ގަވާއިދު އިސްލާޙުކުރުމުގެ ކުރިން އެމާއްދާތައް އޮތްގޮތަށް އަމަލުކުރައްވަމުން ގެންދިޔުމަށެވެ.
މީގެ އިތުރުން މިއަދުގެ ޖަލްސާގައި، ޤާނޫނު ނަންބަރު 2000/4 (އާއިލާއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު އިޖުތިމާޢީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ފާސްކުރައްވާފައިވެއެވެ.
މިގޮތަށް ފާސްކުރައްވާފައިވަނީ 31 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 3 މެންބަރުން ވޯޓް ދެއްވާފައިވާއިރު 11 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
ކޮމިޓީގެ ރިޕޯޓުގައި 15 ޖުލައި 2013 ގައި ބޭއްވުނު ކޮމިޓީގެ 4 ވަނަ ބައްދަލުވުމަށް ހާޒިރުވަޑައިގެންވި މެންބަރުންގެ އިއްތިފާގުން ނިންމެވީ އިޖްތިމާޢީ ކޮމިޓީގެ ސަބްކޮމިޓީ އިން ބިލަށް ގެންނަވާފައިވާ އިސްލާޙުތައް ރަނގަޅުކަމަށެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 31 ޖުލައި 2013 ވާ ބުދަ ދުވަހު ހެނދުނު 10:30 ގައި މަޖިލީސްކުރާ ގޭގައެވެ.