ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަނެ، ދާއިމީ ކޮމިޓީއަށް ފޮނުއްވައިފި

DSC_0117

ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށައަޅުއްވާފައިވާ، ޤާނޫނު ނަންބަރު1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް އިސްލާޙު ގެނައުމުގެ ބިލުގެ ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެފިއެވެ.

ޤާނޫނު ނަންބަރު1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް އިސްލާޙު ގެނައުމުގެ ބިލުގެ ބަލައިގަނެފައިވަނީ 34 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މިބިލު ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 7 މެންބަރަކު ވޯޓް ދެއްވާފައިވާއިރު، ވަކި ފަރާތަކަށް ވޯޓުދެއްވަން ބޭނުންފުޅު ނުވާ އެއްވެސް މެންބަރެއް ނެތެވެ. މިބިލު މަޖިލިހަށް ބަލައިގަތުމާއި ގުޅިގެން ބިލް ދިރާސާކުރެއްވުމަށް ވަގުތީ ކޮމިޓީއެއް އުފެއްދުމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ހުށަހަޅުއްވައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްޠަލިބު ތާއިދުކުރެއްވުމުން، އެމައްސަލަވެސް ވޯޓަށް އެއްސެވިއެވެ. އަދި، 32 މެންބަރުންގެ ވޯޓުން އެހުށަހެޅުން ފާސްނުވުމުން، ބިލް ދިރާސާކުރެއްވުމަށް ޤައުމީ ތަރައްޤީ ކޮމިޓީއަށް ފޮނުވުމަށް ނިންމެވިއެވެ.

މިބިލަކީ އިމާރާތްހަދާ އަދި ފަސޭހަގޮތަކަށް މިއިމާރާތުގެ ބައިތަކާމެދު މުޢާމަލާތްކުރެވޭ ގޮތަކަށް އޮތުމަކީ، ގިނަބަޔަކަށް ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ފަހިކޮށްދީ، އަދި ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާކޮށް ހަރުދަނާކުރުމަށް އެޅޭނެ ފިޔަވަޅެއްކަމަށްދެކިވަޑައިގެން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށައަޅުއްވާފައިވާ ބިލެކެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 15 ޖުލައި 2013 ގައެވެ.

މިބިލަށް ޖުމްލަ 12 މެންބަރުން މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވާފައިވެއެވެ.