17 ޖުލައި 2013 ވީ ބުދަ ދުވަހުގެ 21:30 އަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް އަބްދުﷲ ރިޔާޒުއަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުވެވަޑައިގަންނަވަންޖެހޭ ޤާނޫނީ ހަމައެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާކަމަށް ބަޔާންކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފޮނުއްވާފައިވާ ސިޓީއަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން 21 ޖުލައި 2013 ވީ އާދިއްތަދުވަހު، ޖަވާބު ދެއްވަވައިފިއެވެ.
އިއްޔެ، ފޮނުވުނު މިސިޓީގައި ބަޔާންވެގެންވަނީ، ރައްޔިތުންގެ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން ހެކިބަސްދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށާއި، ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާ ކުރާ ކޮންމެ ސުވާލުކަށް، އެމީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބު ދޭންވާނެކަމަށް ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅިގެން ބަޔާންކުރާކަމަށާއި، އަދި، ރައްޔިތުންގެ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއްކަމަށް ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅިގެން ބަޔާންކުރާކަމަށެވެ. މީގެއިތުރުން މުއައްސަސާތަކުންނާއި، މީސްމީހުން ހުށަހަޅާ ޝަކުވާތަކާއި އިލްތިމާސްތަކާއި އެހެނިހެން ހުށަހެޅުންތައް ބަލައިގަތުމަކީވެސް ރައްޔިތުންގެ މަޖިލީހަށާއި އެމަޖިލީހުގެ ކޮމިޓީތަކަށް ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަނޑައެޅިގެން ލިބިދީފައިވާ ބާރެއްކަމަށާއި، އަދި، ރައްޔިތުންގެ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން ހެކިބަސް ދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމަށާއި، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުމަށް ޤާނޫނުއަސާސީގެ ބުނެވިދިޔަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮންމެ ކޮމިޓީއަކަށް ލިބިދީފައިވާ ބާރަކީ، ޤާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގައި ތަކުރާރުކޮށްފައިވާ ބާރެއްކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި، ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެހެން ކޮންމެ މަޤާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއި، އެ މީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން އެމީހަކާ ކުރެވޭ ސުވާލުތަކަށް ތެދުބަހުން ޖަވާބުދިނުމަށާއި، އެ މީހަކު އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގެމަކީ ޤާނޫނުއަސާސީގެ 98 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއްކަމަށާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އޮފީހެއްގެ ވެރިޔަކު އަދާކުރާ ވާޖިބުތަކާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން، އެމީހަކާ ލިޔުމުން ނުވަތަ އަނގަބަހުން ސުވާލުކުރުމަކީވެސް ޤާނޫނުއަސާސީގެ 98 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށްމެ ލިބިގެންވާ ޙައްޤެއްކަމަށްވެސް އެ ސިޓީގައިވެއެވެ.
އަދި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ދެއްވާފައިވާ އިސްތިޝާރީ ލަފައަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކުން އަންގާ އެންގުމާ އެއްގޮތްވާ ގޮތުގެމަތިން ހާޒިރުވެ، ޖަވާބުދާރީވުމަކީ ދިވެހި ސަރުކާރުގެ އެކިއެކި މަޤާމުތަކުގައި ތިބި ފަރާތްތަކާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 7 ވަނަ ބާބުގައި ބުނެފައިވާ ފަރާތްތަކާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މަޤާމެއްގައި ހުރި ކޮންމެ މީހަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަޤާމެއްގައި ހުރި ކޮންމެ މީހެއްގެ މައްޗަށް ޤާނޫނުއަސާސީގެ 98 ވަނަ މާއްދާއާއި 99 ވަނަ މާއްދާއިން ލާޒިމްވެގެންވާ ކަމެއްކަމަށް، އެކޯޓުގެ އެންމެހައި ފަނޑިޔާރުންވަނީ އިއްތިފާޤުވެވަޑައިގަންނަވާ ކަމުގައި މިސިޓީގައި ބަޔާންކުރައްވާފައިވެއެވެ. މިގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބަޔާންކުރެވުނު މާއްދާތަކަށާއި، ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) އަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަށް ބަލާއިރު، ސަރުކާރުގެ ވަޒީރުންނާއި، ސަރުކާރުގެ އިދާރާތަކާއި، ސަރުކާރުގެ މަޤާމެއްގައިހުރި ކޮންމެ މީހަކަށާއި، މުއައްސަސާތަކަށާއި އެ މުއައްސަސާތަކުގެ މަޤާމެއްގައި ހުރި ކޮންމެ މީހަކަށާއި ވަކި ވަކި ފަރުދުންނަށް ރައްޔިތުންގެ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް އެންގުމަކީ، ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮންމެ ކޮމިޓީއަކަށް ލިބިދީފައިވާ ދުސްތޫރީ ބާރެއް އަދި ދުސްތޫރީ މަސްއޫލިއްޔަތެއްކަމާމެދު އިޢުތިރާޒުކުރެވިދާފަދަ އެއްވެސް ޤާނޫނީ ހަމައެއް އޮތްކަމެއް ނޫންކަމަށް ފާހަގަ ކުރައްވާފައިވެއެވެ.
މީގެއިތުރުން އެސިޓީގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް 31 މާޗް 2012 ގައި، އަމިއްލަ ފަރާތަކުން ހުށަހަޅުއްވާފައިވާ ޝަކުވާއަށް ބަލާއިރު، އެ ޝަކުވާއަކީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަލްފާޟިލް އަބްދުﷲ ރިޔާޒް ޢައްޔަންކުރައްވާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށާއި، އެކަން އެގޮތަށް ކުރެއްވުމުގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމުގައި ހުންނެވި ޑރ. މުޙަންމަދު ޖަމީލު އަޙްމަދު، ޤާނޫނުގައި ބަޔާންކުރާ މަކަރާ ޙީލަތް ހެދުމުގެ ކުށް ކުރައްވާފައިވާކަމަށް ތުހުމަތުކުރެވޭ ވަރަށް މަޢްލޫމާތު ލިބިވަޑައިގަންފައިވާކަމަށް ބަޔާންކުރައްވައި، އެކަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ސަމާލުކަމަށް ގެނައުމަށާއި، އެ މައްސަލަ ބައްލަވައި ދެއްވުމަށް އެދި އެ ކޮމިޓީއަކަށް ހުށަހަޅުއްވާފައިވާ ޝަކުވާއެއްކަމަށެވެ. ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން އެކުލަވާލައި، ޢަމަލުކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 102 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަކީ ސަރުކާރުގެ އިދާރާތަކާގުޅޭ ކޮމިޓީތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 98 ވަނަ މާއްދާގެ ދަށުން ޚާއްޞަ މަސްއޫލިއްޔަތެއް ލިބިގެންވާ ކޮމިޓީއެއްކަމަށެވެ. އެ ކޮމިޓީއަކީ، ސަރުކާރުގެ ވަކި އިދާރާއަކަށް އެ ކޮމިޓީގެ މަސްއޫލިއްޔަތު ހަނިވެގެންނުވާ، އަދި ސަރުކާރުގެ ހުރިހާ އިދާރާތަކަށްވެސް އެ ކޮމިޓީގެ ބާރު ހިނގާނެގޮތަށް މަސްއޫލިއްޔަތު ރޭވިފައިވާ ކޮމިޓީއެއްކަމަށެވެ. އެ ކޮމިޓީއަކީ، ސަރުކާރުގެ އިދާރާތަކުންނާއި، ސަރުކާރުގެ ކޮންމެ މަޤާމެއްގައި ހުރި ކޮންމެ މީހެއްގެ އެންމެހައި ޢަމަލުތައް ޤާނޫނުއަސާސީއާއި ޤާނޫނުގެ އިމުގެ ތެރޭގައި ބެހެއްޓުން ޔަޤީންކުރުމަށްޓަކައި ބަލަންޖެހޭ ކަންތައްތައް ބަލައި، އަދި އެފަރާތްތަކުން ހިންގާ ކަންކަމާބެހޭ ގޮތުން އެފަރާތްތައް ޖަވާބުދާރީކުރުމުގެ ބާރު ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) އިން ލިބިގެންވާ ކޮމިޓީއެކެވެ. އެކޮމިޓީއަކީ، ސަރުކާރުގެ ރަސްމީ އިދާރާއަކުން ނުވަތަ ސަރުކާރުގެ މުވައްޒަފަކު ޤާނޫނާ ޚިލާފަށް ޢަމަލެއް ކޮށްފިކަމަށް ތުޙުމަތުކުރެވިއްޖެ ޙާލަތެއްގައި، އޭނާއާމެދު އުފުލިފައިވާ ތުހުމަތާ ގުޅިގެން ކަން ހިނގާދިޔަގޮތް ތަޙްޤީޤްކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 140 ވަނަ މާއްދާގެ (ނ) ގެ ދަށުން ލިބިގެންވާ ކޮމިޓީއެކެވެ. އަދި އެ ކޮމިޓީއަކީ، ރައްޔިތުންގެ މަޖިލީހުގެ އެހެން ކޮންމެ ކޮމިޓީއެކޭ އެއްފަދައިން، އެކޮމިޓީން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން، އެ މައްސަލައާ ގުޅުންހުރި ކޮންމެ ފަރާތެއް އެކޮމިޓީއަށް ހާޒިރުވުމަށް އެންގުމަށާއި، އެފަރާތަކާ ސުވާލުކުރުމުގެ ބާރު ލިބިގެންވާ ކޮމިޓީއެކެވެ. ދިވެހިރާއްޖޭގެ ޖރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ޖަދުވަލު 2 ގައި ހިމެނޭ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަކީ، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތައް ހިނގާނުހިނގާ ގޮތް ބަލަމުން ގެންދިއުމަށްޓަކައި ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޮމިޓީއެވެ. އެކޮމިޓީގެ މަސްއޫލިއްޔަތަކީ، އެ ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ބައްދަލުކޮށް އެއިދާރާތަކުން ހިންގާ ކަންކަމާބެހޭ ގޮތުން މަޢުލޫމާތު ހޯދައި، ސުވާލުކޮށް، އެއިދާރާތަކުން ކުރަންޖެހޭ ކަންކަން ބަލައި، އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށްދިނުންކަމަށް ފާހަގަކުރައްވާފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 102 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެމަތިން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހަމައެކަނި ނުބެލޭނީ، ސަލަމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ދާއިރާގެ މަސައްކަތްތެއްކަމަށާއި، އެހެންނަމަވެސް، އިސްވެ ފާހަގަކުރިފަދައިން، ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ކޮމިޓީއަކަށްވެސް އެކޮމިޓީއަކަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައިގަތުމުގެ ބާރު ލިބިދީފައިވާކަމަށެވެ. ސަރުކާރުގެ އިދާރާއަކާ ގުޅޭގޮތުން ނުވަތަ ސަރުކާރުގެ މުވައްޒަފަކާ ގުޅޭގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހެޅޭ ޝަކުވާއެއް އެކޮމިޓީން ބެލެމުގައި، އެ މައްސަލައާ ސިދާގޮތުން ނުވަތަ ނުސީދާގޮތުން ގުޅުންހުރި ކޮންމެ ފަރާތެއް ހާޒިރުކުރުމުގެ ބާރު ޤާނޫނުއަސާސީއާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން އެ ކޮމިޓީއަށް ލިބިގެންވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވުނު މިސިޓީގައި ދަންނަވާފައިވެއެވެ.
މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން، އެ ކޮމިޓީއަށް ކޮމިޝަނަރ އޮފް ފޮލިސް ހާޒިރުކުރައްވާނެކަމަށް އެކޮމިޓީގެ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދު ދިވެހިރާއްޖޭގައި މީޑިޔާއަށް ހާމަކުރައްވާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން އެބޭފުޅާގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްގެ ތަޙްޤީޤްކުރަމުންދާ ދަނޑިވަޅެއްގައި އެ ތަޙްޤީޤަށް ބޭނުންވާ މުހިންމު މަޢްލޫމާތެއް ސާފުކުރެއްވުމަށް އެ ބޭފުޅާގެ ބައްޕަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހާޒިރުކުރެއްވި ދުވަހު އެ މައްސަލައާ ގުޅިގެން އެ ބޭފުޅާގެ ޝުއޫރު ފާޅުކުރައްވަމުންކަމަށާއި، އެ ދެމައްސަލަ ގުޅުވައިގެން އެބޭފުޅާ ދިވެހިރާއްޖޭގެ މީޑިއާގައި ދެއްކެވި ވާހަކަފުޅަށް ނަޒަރުކުރައްވާއިރު، މައްސަލައަކާ ގުޅޭ މަޢްލޫމާތު ސާފުކުރެއްވުމުގެ ނަމުގައި އެބޭފުޅާ ރިޔާސަތުގައި އިންނަވާ ކޮމިޓީއަކަށް ޤާނޫނީ ހަމަތަކާ ޚިލާފަށް، ކޮމިޝަނަރ އޮފް ޕޮލިސް ހާޒިރުކުރައްވަނީ އެބޭފުޅާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙްޤީޤުގައި ފުލުހުން ކުރައްވަމުންގެންދަވާ މަސައްކަތަށް ހުރަސް އަޅައި، ނުފޫޒު ފޯރުވުމަށާއި، ޒާތީ ތަޢައްސުބުގެ ތެރެއިން ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދެކިވަޑައިގަންނަވާކަމަށް ޙަވާލާދީފައިވާ އެ ސަރވިސްގެ ސިޓީގައި ބަޔާންކުރައްވާފައިވާ ކަމަށް އިއްޔެ މަޖިލީހުގެ އިދާރާއިން ފޮނުވުނު ސިޓީގައިވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ކޮމިޝަނަރ އޮފް ޕޮލިސް ހާޒިރުކުރެއްވުމަށް ނިންމަވާފައިވަނީ 16 ޖުލައި 2013 ގައި ބޭއްވި އެ ކޮމިޓީގެ ޤާނޫނީ ޖަލްސާއެއްގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން ނިންމަވާފައިވާ ނިންމެވުމެއްގެ މައްޗަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ މަޖިލީހުގެ ކޮމިޓިއެއްގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން ނިންމަވާ ކަންތައްތައް އެއީ ޒާތީ ގޮތެއްގައި ނިންމަވާ ކަމެއްގެ ގޮތުގައި ކޮމިޝަނަރ އޮފް ޕޮލިސް ސިފަކުރެއްވުމަކީ، ފުލުހުންގެ މުއައްސަސާއާމެދު ރައްޔިތުންގެ ހިތުގައި އިތުރަށް ސުވާލު އުފެދޭނެ ކަމެއްކަމަށްވާނެތީ، އެފަދަ ކަންތައްތައް ނުކުރެއްވުމަށް އެދި ދަންނަވާފައިވެއެވެ.