ސީ.ޕީ.އޭގެ އިނގިރޭސިވިލާތު ގޮފީގެ ވަފްދެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

DSC_0062 ކޮމަންވެލްތު ޕާލިމެންޓްރީ އެސޯސިއޭޝަންގެ އިނގިރޭސިވިލާތު ގޮފީގެ ވަފްދެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގޭގައި މިއަދު މެންދުރު ބޭއްވުނު ބައްދަލުކުރެއްވުމުގައި، ވަފުދުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ސާފުކުރެއްވިއެވެ. އަދި މިއަހަރު ސެޕްޓެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޙާބަކީ ހަމަހަމަ އިންސާފުވެރި އިންތިޙާބަކަށް ހެއްދެވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާގުޅޭގޮތުން މަޖިލީހުގެ ރައީސްގެ ހިޔާލުފުޅު ހޯއްދެވިއެވެ.

މިވަފުދު ދެކުނު އޭޝިއާގެ ޤައުމުތަކަށް ކުރައްވަމުން ގެންދަވާ މި ދަތުރުގައި،  7 މެންބަރުންގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވީ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރ އަދި އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ މެންބަރ އެލަނޯރ ލެއިންގއެވެ.