ސަރުކާރުގެ ފަރާތުން، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ ހުށަހަޅުއްވާފައިވާ، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.
މިބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 36 މެންބަރުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 7 މެންބަރުން ވޯޓް ދެއްވާފައިވާއިރު 3 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ. މިބިލު ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށް ވަނީ އިޖްތިމާޢީ ކޮމިޓީއަށް ފޮނުވިފައެވެ.
މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރައްވާފައިވާ 50 މިލިއަން ރުފިޔާގެ އޯވަރ ޑްރާފްޓް ފެސިލިޓީގެ މުއްދަތު އިތުރުކޮށް ގެރެންޓީ އައުކޮށްދިނުމަށްއެދި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް 31 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރައްވާފައިވެއެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 17 މެންބަރުންނެވެ.
އަދި ހދ. ނޮޅިވަރަމް ކައުންސިލުން ދޫކޮށްފައިވާ 172 ގޯތީގެ މައްސަލައިގައި، އެގޯތިތައް އޭގެ ޙައްޤުވެރިންނަށް ހަވާލުނުކޮށް އެ ކައުންސިލުން ހިފަހައްޓާފައިވާތީ، މިކަން ބައްލަވައި މިކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އެދި ހދ. ނޮޅިވަރަމްގެ 460 ރައްޔިތުން ސޮއިކުރައްވައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޢަފޫރު މޫސާ މެދުވެރިކޮށް ހުށަހަޅުއްވާފައިވާ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށްވެސް މިއަދުގެ ޖަލްސާގައި ފާސްކުރައްވާފައިވެއެވެ. މިގޮތަށް ފާސްކުރެއްވީ 42 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި 5 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 15 ޖުލައި 2013 ވާ ހޯމަ ދުވަހު ހެނދުނު 10:30 ހުގައި މަޖިލީސްކުރާ ގޭގައެވެ.
29 ޝަޢުބާން 1434
8 ޖުލައި 2013