މޯލްޑިވްސް-ޖަޕާން ޕާލިމެންޓްރީ ފްރެންޑްޝިޕް ގްރޫޕްގެ ބައްދަލުވުމެއް ބާއްވައިފި

DSC_0082

މޯލްޑިވްސް-ޖަޕާން ޕާލިމެންޓްރީ ފްރެންޑްޝިޕް ގްރޫޕްގެ ބައްދަލުވުމެއް މިއަދު 14:30 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ރާއްޖޭގައި ފުރިހަމަ ޑިމޮކްރަސީގެ ވެއްޓެއް ޤާއިމްކުރެއްވުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ޖަޕާނުން ވެދެއްވަމުން ގެންދަވާ އެހީ ފާހަގަކުރައްވައި، މިކަމަށްޓަކައި މޯލްޑިވްސް-ޖަޕާން ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކް ޝުކުރު އަދާކުރެއްވިއެވެ. އަދި 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ކާރިސާއަށް ފަހު ޖަޕާނުން ވެދެއްވި އެހީއާއި، ރާއްޖޭގެ ތަރައްޤީއަށް ކުރެވެމުންދާ އެކި މަސައްކަތްތަކަށް ޖަޕާނުން އަބަދުވެސް ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޖަޕާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދު އޮތް ބައިނަލްއަޤްވާމީ ގުޅުމަށް 45 އަހަރު ފުރިފައިވާއިރު، ކުރިއަށްއޮތްތަނުގައިވެސް ޖަޕާނުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޖަޕާނުގެ ވަފްދުގެ ލީޑަރު، ޖަޕާނުގެ މިނިސްޓަރ އޮފް އިންޓަނޭޝަނަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަން ހިޒް އެކްސެލެންސީ މރ. ޔޯޝޮޓަކާ ޝިންދޯ ވާހަކަދައްކަވަމުން، ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ގުޅުމަކީ ވަރަށް ގާތް އަދި ޚާއްސަ ގުޅުމެއް ކަމަށާއި، ރާއްޖޭގައި ޑިމޮކްރަސީގެ ވެއްޓެއް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވެދެވެން އޮތް މިންވަރަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޖަޕާނަށް ކުރިމަތިވި ބިންހެލުމުގެ ހާދިސާއަށްފަހު ރާއްޖެއިން ފޯރުކޮށްދެއްވި އެހީއަށްޓަކައި، ރާއްޖޭގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ، މޯލްޑިވްސް-ޖަޕާން ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ ލީޑަރު ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކްގެ އިތުރުން، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުހަންމަދު ރަޝީދު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިޙާން ޙުސައިން މަނިކު، އަލިފުށި ދާއިރާގެ މެންބަރު މުހަންމަދު ނާޝިޒް، ދުވާފަރު ދާއިރާގެ މެންބަރު މުހަންމަދު ޒުބައިރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހަންމަދު ރަފީޤް ޙަސަން، އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު އެވެ.