1 ވަޒީރަކަށް ރުހުން ދެއްވައި 2 ވަޒީރަކަށް ރުހުން ދެއްވަން ފެނިވަޑައިނުގަންނަވާކަމަށް މަޖިލީހުން ނިންމަވައިފި

DSC_0210ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރައްވާފައިވާ 3 ވަޒީރަކަށް ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ ނަންފުޅުގެ ތެރެއިން 1 ނަންފުޅަކަށް ރުހުން ދެއްވައި އަނެއް 2 ނަންފުޅަށް ރުހުން ދެއްވަން ފެނިވަޑައިނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.

މިއަދުގެ ޖަލްސާގައި ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ މަޤާމަށް ޢައްޔަންކުރެއްވި، ހ.ހާލި، އަލްފާޟިލް އަމީން އިބްރާހީމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުމާމެދު ފެނިވަޑައިގަންނަވާގޮތަކަށް ވޯޓަށް އެއްސެވުމުން ރުހުން ދެއްވުމަށް ވަނީ ފާސްކުރައްވާފައެވެ. މިގޮތުން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 33 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 32 މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން، އެޓަރނީ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރެއްވި، ގ.ސައިމާ، އަލްއުސްތާޛާ ޢާއިޝަތު ބިސާމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުމާމެދު ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓަށް އެއްސެވުމުން، ރުހުން ދެއްވަން ފެނިވަޑައިގަންނަވާކަމަށް އަދި ފެނިވަޑައިނުގަންނަވާކަމަށް 32 މެންބަރުން ވޯޓް ދެއްވައި ހަމަހަމަވުމުން، ޤާނޫނުއަސާސީގައިވާގޮތުގެ މަތީން ރިޔާސަތުން ގޮތެއް ނިންމުމަށް އޮތް ފުރުޞަތުގައި، ރުހުން ދެއްވަން ފެނިވަޑައިނުގަންނަވާކަމަށް ރިޔާސަތުން ވޯޓް ދެއްވުމުންނެވެ.

ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ މަޤާމަށް ޢައްޔަންކުރެއްވި، މ.އާސްތާނާ، އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުމާމެދު ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓަށް އެއްސެވުމުން ރުހުން ދެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް މަޖިލީހުން ވަނީ ފާސްކުރައްވާފައެވެ. މިގޮތުން ރުހުން ދެއްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 31 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 33 މެންބަރުންނެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 8 ޖުލައި 2013 ވާ ހޯމަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާ ގޭގައެވެ.

22ޝަޢުބާން 1434

1 ޖުލައި 2013