ޖަޕާންގެ، މިނިސްޓަރ އޮފް އިންޓަރނަލް އެފެއަރޒް އެންޑް ކޮމިއުނިކޭޝަން މރ. ޔޮޝިޓަކާ ޝިންޑޯ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މިއަދު ބައްދަލުކުރައްވައިފި

DSC_0091ރާއްޖެއަށްކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ޖަޕާންގެ، މިނިސްޓަރ އޮފް އިންޓަރނަލް އެފެއަރޒް އެންޑް ކޮމިއުނިކޭޝަން މރ. ޔޮޝިޓަކާ ޝިންޑޯ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، މޯލްޑިވްސް ޖަޕާން ޕާލިމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އިފްތިތާޙު ކުރެވުނުފަހުން، ޕާލިމެންޓްރީ ފްރެންޑްޝިޕް ގްރޫޕްގެ ސަބަބުން ޖަޕާނާއި ރާއްޖެއާއި ދެމެދު އިތުރަށް އެކުވެރިކަމުގެ ގުޅުންތައް ބަދަހިވެގެންދާ ކަމަށް ވިދާޅުވިއެވެ. އަދި ޖަޕާނަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް ބޮޑެތި އެހީތަކެއް ވެދެއްވާ ޤައުމެއްކަން ފާހަގަ ކުރައްވައި ޖަޕާނުން ދެއްވާފައިވާ އެހީތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އެގޮތުން، މާލޭގެ ސީވޯލް ޕްރޮޖެކްޓްގެ މަސައްކަތް އެމަނިކުފާނު ވަކިން ފާހަގަކުރެއްވިއެވެ.  މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ޖަޕާނަކީ ތިމާވެށީގެ މައްސަލަތަކުގައި އެކުގައި މަސައްކަތްކުރާ ދެގައުމުކަމުގައި ވިދާޅުވެ ތިމާވެށްޓާ ރައްޓެހި މާޙައުލެއް ގާއިމު ކުރުމުގައި ޖަޕާން ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ތިމާވެއްޓާއި ރައްޓެހި މާހައުލެއްގައި މަސައްކަތްކުރާ ތަނަކަށް ހެދުމަށްޓަކައި މަޖިލީހުގެ އިދާރާގެ މިހާރުގެ ޙާލަތު ދިރާސާކޮށް ބޭނުންވާ ފަންނީ އެހީތެރިކަން ޖަޕާން ސަރުކާރުން ލިބިގެންދިއުމަކީ އެދިވަޑައިގަންނަވާ ކަމެއްކަމުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދުގައިވާ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހި ވެގެން ދިއުމަށް މަގުފަހި ކުރުމުގެ ގޮތުން ރާއްޖޭގައި ޖަޕާނުގެ އެމްބަސީއެއް ހުރުމަކީވެސް މިހާރު ވަރަށް ބޭނުންތެރި ކަމެއް ކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ISDB-T (އިންޓަރގްރޭޓަޑް ސަރވިސަސް ޑިޖިޓަލް ބްރޯޑްކާސްޓިންގ- ޓެރެސްޓްރިއަލް) ސިސްޓަމް އާބެހޭގޮތުން މރ. ޔޮޝިޓަކާ ޝިންޑޯ، މަޢުލޫމާތު ދެއްވާފައިވެއެވެ. މިސިސްޓަމަކީ ޑިޖިޓަލް ޓީވީ  އާއި ޑިޖިޓަލް ރޭޑިއޯ އާއި އެއްފެންވަރެއްގައި ޖަޕާންގައި ބޭނުންކުރެވޭ ސިސްޓަމެއް ކަމުގައި ވިދާޅުވެފައިވެއެވެ.  މީގެއިތުރުން، ޑިޖިޓަލް ބްރޯޑްކާސްޓިންގ ސިސްޓަމް މެދުވެރިކޮށް އެކިއެކި ކާރިސާ ތަކުގެ އެލާޓް ކުރުމަށާއި، ތަޢުލީމް ފޯރުކޮށްދިނުމުގައި އަދި މަޢުލޫމާތު ޚިއްސާކުރުމުގައާއި، ސިއްޙީ ބޭނުންތަކުގައި އަދި މިނޫވެސް އެކިކަންކަމުގެ މިސިސްޓަމްގެ ބޭނުން ހިފޭނެ ކަމުގައި ވިދާޅުވެފައިވެއެވެ.

އަދި މިސިސްޓަމަކީ ރާއްޖެއަށް ވަރަށް ބޭނުންތެރި އެއްޗެއްކަމަށާއި، މި އާ ޓެކްނޮލޮޖީ ސަބަބުން ރާއްޖެއަށް ވަރަށް ބޭނުންހިފި މިޓެކްނޮލޮޖީ ރާއްޖޭގައިވެސް ބޭނުންހިފިގެން ދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މިބައްދަލުވުމުގައި، ޖަޕާނަށް އައި ބިން ހެލުމުގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް ޖަޕާން ސަރުކާރުން މިހާރު ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު މިނިސްޓަރ މަޖިލީހުގެ ރައީސާ ޙިއްސާ ކުރެއްވިއެވެ.