މުޙަންމަދު ފަޙުމީ ހަސަން ސިވިލް ސަރވިސް ކޮމިޝަނުން ވަކިކޮށްފައިވާ ނަމަވެސް، އެ ކޮމިޝަންގެ ބައްދަލުވުންތަކުގައި ބައިވެރިވަމުންދާ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 31 ވަނަ ބައްދަލުވުމުގައި ދިރާސާކުރައްވައިފި

DSC_0562

މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 31 ވަނަ ބައްދަލުވުމުގައި، އެ ކޮމިޓީގެ ތިން މެންބަރުން ސޮއިކުރައްވާ ފޮނުވާފައިވާ މައްސަލައެއް ކަމުގައިވާ ގ. ކޮށްކިރި/ މުޙަންމަދު ފަޙުމީ ހަސަން، ސިވިލް ސަރވިސް ކޮމިޝަން (ސީ.އެސް.ސީ) ގެ މެންބަރު ކަމުން ވަކިކޮށް އަދި ވަޒީފާއަށް ނުނިކުމެވޭނެ ކަމަށް އެޓަރނީ ޖެނެރަލް ލަފާ ދެއްވާފައިވަނިކޮށް، ސީ.އެސް.ސީގެ ބައްދަލުވުންތަކުގައި މުޙަންމަދު ފަޙުމީ ހަސަން ބައިވެރިވަމުންދާ މައްސަލަ ދިރާސާކުރެއްވިއެވެ.

އެގޮތުން މި މައްސަލައާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމުގެ ގޮތުން، މިއަދުގެ ކޮމިޓީ ބައްދަލުވުމަށް އެޓަރނީ ޖެނެރަލް އަލްއުސްތާޛާ އައިޝަތު ބިޝާމް، ރަޢީސުލް ޖުމްހޫރިއްޔާގެ އޮފީހުން ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ނަޒީރު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދު، އަދި ސީ.އެސް.ސީގެ ބައެއް މެންބަރުން ހާޒިރުކުރައްވާ، މަޝްވަރާތައް ކުރިއަށްގެންދެވިއެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙީމް ރިޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރުއެވެ.