މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 48 ވަނަ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި 10 އޭޕްރީލް 2013 ވީ ބުދަދުވަހު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ 3 ނަންފުޅު، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ހޯދުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލަ ކުރިއަށް ގެންދަވައިފިއެވެ.
މިގޮތުން، މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކުގެ ތެރެއިން އެޓަރނީ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިސާމް އަދި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރުއަށް ރުހުން ދިނުމަށް ފެންނަކަމަށް 3 މެންބަރުން ވޯޓުދެއްވާފައިވެއެވެ. އަދި ނުފެންނަކަމަށް 4 މެންބަރުން ވޯޓުދެއްވާފައިވެއެވެ. ފެންނަކަމަށް ވޯޓުދެއްވާފައިވަނީ ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފްއެވެ. ނުފެންނަކަމަށް ވޯޓުދެއްވާފައިވަނީ ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުއެވެ.
މީގެއިތުރުން، މިނިސްޓަރ އޮފް ޓްރާންސްޕޯޓު އެންޑް ކޮމިއުނިކޭޝަން އަލްފާޟިލް އަމީން އިބްރާހީމް އަށް ރުހުން ދިނުމަށް ފެންނަކަމަށް 4 މެންބަރުން ވޯޓުދެއްވާފައިވެއެވެ. އަދި ނުފެންނަކަމަށް 3 މެންބަރުން ވޯޓުދެއްވާފައިވެއެވެ. ފެންނަކަމަށް ވޯޓުދެއްވާފައިވަނީ ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފްއެވެ. ނުފެންނަކަމަށް ވޯޓުދެއްވާފައިވަނީ ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާއެވެ. ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވަކިގޮތަކަށް ވޯޓުދެއްވާފައެއްނުވެއެވެ.
މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު، ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފްއެވެ.