ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަނެފި

ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 91/9 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެނެފިއެވެ.

މިބިލު ބަލައިގަނެފައިވަނީ 41 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި އެއް މެންބަރަކު ވަކި ފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން މިބިލު ދިރާސާކުރެވުމަށްވަނީ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީއަށް ފޮނުވިފައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ ހުށަހަޅުއްވާފައިވާ، ފެނުގެ ބިލާއި ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވެއެވެ. އަދި މިއަދުގެ ޖަލްސާގައި އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުނު ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު އަނބުރާ ގެންދަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 17 ޖޫން 2013 ވާ ހޯމަ ދުވަހު ހެނދުނު 09:00 މަޖިލީސްކުރާ ގޭގައެވެ.

3 ޝަޢުބާން 1434

12 ޖޫން 2013