ށ. ފަރުކޮޅުގައި އެއަރޕޯޓެއް އެޅުމަށް ބަޔަކާއި ހަވާލުކުރުމަށްފަހު އެ މަސައްކަތް ލަސްވަމުންދާތީ، މިނިސްޓަރ އޮފް ޓޫރިޒަމް، އާރޓްސް އެންޑް ކަލްޗަރއާ ބައްދަލުކުރައްވައިފި

މިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ 12 ވަނަ ބައްދަލުވުމުގައިވަނީ ށ. ފަރުކޮޅުގައި އެއަރޕޯޓެއް އެޅުމަށް ބަޔަކާއި ހަވާލުކުރުމަށްފަހު އެ މަސައްކަތް ލަސްވަމުންދާތީ، މިނިސްޓަރ އޮފް ޓޫރިޒަމް، އާރޓްސް އެންޑް  ކަލްޗަރ އަލްފާޟިލް އަޙްމަދު އަދީބް ޢަބްދުލްޣަފޫރު އާއި އެ މިނިސްޓްރީގެ ކަމާގުޅޭ އިސްބޭފުޅުންނާއި އަދި މިނިސްޓްރީ އޮފް އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު އިބްރާހީމް އާއި އެމިނިސްޓްރީގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރައްވާފައެވެ.

މިގޮތުން،  މިނިސްޓަރ އޮފް ޓޫރިޒަމް، އާރޓްސް އެންޑް  ކަލްޗަރ ވިދާޅުވެފައިވަނީ މިމައްސަލަ ލަސްވަމުންދަނީ އެމަސައްކަތް އެކި ސަބަބުތައް މެދުވެރިވުމުގެ ސަބަބުން އަދި ވަކި ފަރާތަކާ ބަޔަކާއި ހަވާލުކުރެވިފައިނުވާތީކަމަށެވެ. އަދި ފަރުކޮޅުގައި އެއަރޕޯޓް ތަރައްޤީ ކުރުމާ ބެހޭ ގޮތުން މިހާހިސާބަށް ސަރުކާރުން ކުރެވިފައިވާ މަސައްކަތްތަކާއި އަދި ކުރިއަށް ރޭވިފައިވާ ކަންތައްތައް ކޮމިޓީއަށް ސާފުކޮށްދެއްވިއެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް އަދި ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރުއެވެ.