ޤައުމީ ކުތުބުޚާނާގެ ބިލު މަޖިލީހުން ބަލައިގަނެފި

މާވަށު ދާއިރާގެ މެންބަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ، ޤައުމީ ކުތުބުޚާނާގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެފިއެވެ.

މިބިލު ބަލައިގަނެފައިވަނީ 52 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި އެއް މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ. މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން މިބިލު ދިރާސާކުރެވުމަށްވަނީ މަޖިލީހުގެ ޤައުމީ ތަރައްޤީގެ ކޮމިޓީއަށް ފޮނުވިފައެވެ.

މީގެއިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު 25 މެންބަރުންގެ އަޣްލަބިއްޔަތުން މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވާފައިވެއެވެ. ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 22 ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ. މި ބިލު ބަލައިގަތުމާގުޅިގެން މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ދިރާސާކުރެވުމަށްވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުވިފައެވެ.

މިއަދުގެ ޖަލްސާގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަސައްކަތުގެ ދާއިރާއަށް ބަދަލު ގެންނަވާފައިވާތީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެމަސައްކަތުގެ ދާއިރާތައް މަޖިލީހުން ފާސްކުރުމުގެ މައްސަލަ، ފާސްނުކުރުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހެޅުއްވި ހުށަހެޅުން 27 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރައްވާފައިވެއެވެ. މި ހުށަހެޅުން ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 23 މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއްނުވެއެވެ. މިގޮތަށް ފާސްކުރެއްވުމުގެ ގުޅިގެން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަސައްކަތުގެ ދާއިރާއަށް ބަދަލު ގެންނަވާފައިވާތީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެމަސައްކަތުގެ ދާއިރާތައް މަޖިލީހުން ފާސްކުރައްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، މަރުގެ ޙުކުމް ތަންފީޛުކުރުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވެއެވެ.

އަދި ޖަލްސާ ވަގުތު ހަމަވެގެން ނިންމަވާލެއްވިއިރު ބަހުސް ކުރެވެމުންދިޔައީ ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 91/9 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސެވެ. މިބިލަށް މިއަދުގެ ޖަލްސާގައި ޖުމްލަ 5 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.

2 ޝަޢުބާން 1434

11 ޖޫން 2013