ޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާތީ އެބިލު އަލުން ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.
މިގޮތަށް ފާސްކުރެއްވީ 28 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 19 މެންބަރުންނެވެ. އަދި 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މަސައްކަތުގެ ދާއިރާއަށް ބައެއް ބަދަލު ގެންނަވާފައިވާތީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އެމަސައްކަތުގެ ދާއިރާތައް މަޖިލީހުން ފާސްކުރެއްވުމާ ގުޅޭގޮތުން އިތުރަށް ދިރާސާކުރެއްވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވާފައިވެއެވެ.
މިގޮތަށް ނިންމަވާފައިވަނީ 31 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. 15 މެންބަރުން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވާއިރު 2 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުވެސް ބަލައިގަނެފައިވެއެވެ.
މިބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 28 މެންބަރުންނެވެ. އަދި ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 23 މެންބަރުންނެވެ.
މިބިލު ބަލައިގަތުމާއިގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާގޮތުގެމަތިން ދިރާސާކުރެއްވުމަށް ވަނީ ޤައުމީ ތަރައްޤީޤެ ކޮމިޓީއަށް ފޮނުވިފައެވެ.
މިއަދުގެ ޖަލްސާ ނިންމަވާލެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމަވާލައްވާފައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 11 ޖޫން 2013 ވާ އަންގާރަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.
26 ރަޖަބު 1434
5 ޖޫން 2013