މިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ 11 ވަނަ ބައްދަލުވުމުގައި، މަޖިލީހަށް ހުށަހެޅިފައިވާ އެކްސްޕޯޓް އިމްޕޯޓްގެ ބިލަށް އިޞްލާޙުގެނައުމުގެ ބިލާ ގުޅޭގޮތުން މަޢުލޫމާތު އެރުވުމަށް ޢަބްދުލްޤައްޔޫމް ޢަލީ، މއ.ހަނީސަކުލް، ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. މިގޮތުން، މިސިޓީގައި ބަޔާންކުރައްވާފައިވާ ބިލުގެ މަސައްކަތްކުރެވެމުންދަނީ އިޤްތިޞާދީ ކޮމިޓީގައި ކަމަށް ނުވުމާއެކު، މިބިލުގެ މަސައްކަތް ކުރެވެމުންދާ ކޮމިޓީއަށް މި ސިޓީ ފޮނުއްވުމަށް، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު ހުށަހަޅުއްވާ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ތާއީދުކުރެއްވުމުން، މި ސިޓީގައި އިދާރީ ގޮތުން ހުރި މައްސަލަތައް ބަޔާންކުރުމާއެކު، އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިސްލާޙުގެނައުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވަވާފައިވާ މުޅި މަޖިލީހުގެ ކުޑަ ކޮމިޓީއަށް މި ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ.
މިއަށްފަހު، ކޮމިޓީއަށް އައިސްފައިވާ ބިލުތަކުގެ ތެރެއިން ޤާނޫނު ނަމްބަރ 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) އަށް … ވަނަ އިޞްލާޙުގެނައުމުގެ ބިލުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ. މިގޮތުން، މިބިލުގެ 6 ވަނަ މާއްދާގެ (ހ) އާމެދު މަޝްވަރާކުރެއްވުމަށްފަހު، މިބިލާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގަންނަވާތީ، 10 ޖޫން 2013 ވާ ހޯމަ ދުވަހުގެ 09:30 ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.
މިއަދުގެ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ.