އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރައްވައިފި

މިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ 10 ވަނަ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. މިގޮތުން، މި ސިޓީގައި، ޓްރޭޑްމާރކް ބިލާއި ގިއޮގްރަފިކަލް އިންޑިކޭޝަން ބިލާބެހޭގޮތުން މަޢުލޫމާތު އެރުވުމަށްޓަކައި، ވައިޕޯގެ ފަންނީ ބޭފުޅުންގެ އެހީގައި، މިނިސްޓްރީން ބޭއްވުމަށް ޤަޞްދުކުރާ ހައި ލެވެލް ސެމިނާރއެއް ނުވަތަ ސެޝަންއެއް، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއެއްގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ބޭއްވުމަށް އެންމެ އެކަށީގެންވާ ދުވަސްވަރެއް މިނިސްޓްރީއަށް އަންގަވާދެއްވުމަށް އެދިވަޑައިގެންފައިވުމާއެކު، ކޮމިޓީގެ އިތުރު މެންބަރުންނާ މަޝްވަރާކުރެއްވުމަށްފަހު އެދުވަސްވަރެއް ކަނޑައެޅުއްވުމަށް ނިންމެވިއެވެ.

      އަދި، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް ހުށަހަޅުއްވާފައިވާ، “ށ. ފަރުކޮޅު ފުށީގައި އެއަރޕޯޓް އެޅުމުގެ މަސައްކަތް ލަސްވަމުންދާ މައްސަލަ” އާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި، 11 ޖޫން 2013 ވާ އަންގާރަ ދުވަހުގެ 09:30 ގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންއާއެކު ބައްދަލުވުމެއް ބޭއްވެވުމަށް ނިންމެވިއެވެ.

އެއަށްފަހު، ކޮމިޓީއަށް އައިސްފައިވާ ދެ މައްސަލައެއްގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެއީ، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް ފޮނުއްވާފައިވާ މައްސަލަ، “ފަތުރުވެރިކަމަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ ބޭރު ފައިސާ ލިބޭ ވަސީލަތަކަށް ވެފައި، ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުޞަތު އޮންނަ ދާއިރާކަމުން ސީޕްލޭންގެ ޚިދުމަތް މިހާރަށްވުރެ ފެންވަރު ރަނގަޅު ގޮތެއްގައި ދެވޭނެ ގޮތްތައްބަލައި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް ސީޕްލޭން ޚިދުމަތްދޭ އިތުރު އޮޕަރޭޓަރުންނަށް ފުރުޞަތު ހުޅުވާލުމާ ގުޅޭ މައްސަލަ” އާއި، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ، “”ޓެކްސީ ގަވާއިދު” ގެ 12 ވަނަ މާއްދާގެ (ހ) ގައި ޓެކްސީ ލައިސަންސައް އަލަށް ނުވަތަ އާކުރުމަށް އެދި ހުށަހަޅާ އެއްގަމު އުޅަނދަކީ އެ އުޅަނދު އުފެއްދި ތާރީޚުން ފެށިގެން 10 އަހަރު ނުފުރޭ އެއްގަމު އުޅަނދަކަށް ވާންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ހަމަ އެހެންމެ އާބާދީގެ ގޮތުން 30 (ތިރީސް) ހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށުގައި ޓެކްސީ ކުރެވޭނީ އުފެއްދި ތާރީޚުން ފެށިގެން 10 އަހަރު ނުފުރޭ އެއްގަމުއުޅަނދުގައެވެ. މި ގޮތަށް މިމާއްދާ އޮތުމުން މިކަމަކީ އެތައް ރައްޔިތުންނެއް ކުރަމުން އަންނަ މަސައްކަތްތަކަށާއި މަސައްކަތްތެރިންގެ ޙައްޤުތަކަށް ނޭދެވޭ އަސަރުކުރުވާނެ ކަމެއް ކަމަށް” ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅޭގޮތުން، ކޮމިޓީގެ ފަރާތުން، ކަމާގުޅޭ އިދާރާތަކުން ހޯއްދަވާފައިވާ މަޢުލޫމާތު، މައްސަލަ ހުށަހަޅުއްވާފައިވާ މެންބަރުންނަށް ލިޔުމުން ފޮނުއްވުމަށް ނިންމަވާ، މި ދެ މައްސަލައިގެ މަސައްކަތް ނިންމެވިއެވެ.

އަދި، ކޮމިޓީއަށް އައިސްފައިވާ ބިލުތަކުގެ ތެރެއިން މިހާރު ސުންގަޑި ހަމަވެފައިވާ، “ރަހުނުގެ ބިލު” ދިރާސާކުރައްވާ ނިންމަވާނެ ސުންގަޑިއެއް ކަމުގައި 31 ޖުލައި 2013 ހަމަޖެއްސެވިއެވެ.

މިއަށްފަހު، ކޮމިޓީގައި ނުނިމިހުރި މަސައްކަތްތަކުގެ ތެރެއިން ދެން ކުރިއަށް ގެންދަވާނެ މަސައްކަތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ދެން އޮންނަ ބައްދަލުވުމެއްގައި ޤާނޫނު ނަމްބަރ 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ނިންމަވާ މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ.

      މިއަދުގެ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު އަދި ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރުއެވެ.