ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު އަލުން ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވައިފި

ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާތީ، އެބިލު އަލުން ދިރާސާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.

މިބިލު އަލުން ދިރާސާކުރެއްވުމަށް ނިންމެވީ 26 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 18 މެންބަރުން ވޯޓް ދެއްވާފައިވާއިރު 4 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިގޮތަށް ނިންމެވުމާގުޅިގެން އެބިލު ދިރާސާކުރެއްވުމަށް ފޮނުވިފައިވަނީ އިޤްތިޞާދީ ކޮމިޓީއަށެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައަށް ބަހުސް ކުރައްވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 5 ޖޫން 2013 ވާ ބުދަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

25 ރަޖަބު 1434

4 ޖޫން 2013