ޤާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) އަށް ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހުށަހަޅުއްވާފައިވާ އިޞްލާޙު ގެނައުމުގެ ބިލާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ އިޞްލާޙު ގެނައުމުގެ ބިލާއި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ހުށަހަޅުއްވާފައިވާ އިޞްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.
ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހުށަހަޅުއްވާފައިވާ ބިލު ބަލައިގަނެފައިވަނީ 47 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި 3 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ ބިލު ބަލައިގަނެފައިވަނީ 47 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި 3 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ. އަދި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ހުށަހަޅުއްވާފައިވާ ބިލު ބަލައިގަނެފައިވަނީ 41 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި 7 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
މި 3 ބިލުވެސް ބަލައިގަތުމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާގޮތުގެމަތީން ދިރާސާކުރެއްވުމަށްވަނީ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވިފައެވެ.
ވަގުތު ހަމަވެގެން މިއަދުގެ ޖަލްސާ ނިންމަވާލެއްވިއިރު ބަހުސް ކުރެވެމުން ދިޔައީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 5 ޖޫން 2013 ވާ ބުދަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.
25 ރަޖަބު 1434
4 ޖޫން 2013