މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވައިފި

Inthiރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް މިއަދު ކުރިއަށްގެންދަވައިފިއެވެ.

މިމައްސަލައަކީ 21 މޭ 2013 ވަނަ ދުވަހު އދ.ގެ ސްޕެޝަލް ރެޕަޓުއަރ އޮން ދަ އިންޑިޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔަރސް ގެބްރިއައްލާ ކްނާލް އދ.ގެ ހިޔުމަން ރައިޓްސް ކައުންސިލަށް ދިވެހިރާއްޖޭގެ ޖުޑިޝިއަރީ ޙާލަތާބެހޭގޮތުން ވަރަށް ސީރިއަސް ކަންތައްތަކެއް ފާހަގަކުރައްވާފައިވާތީ، އެރިޕޯޓްގައިވާ ކަންކަން ވަގުތުން ވަގުތަށް އިޞްލާޙްކުރުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ހުށަހެޅުއްވި މައްސަލައެކެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރިއަށްގެންދިއުމަށް ފާސްވެފައިވަނީ، 23 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 1 މެންބަރެކެވެ.

ކުއްލި މައްސަލައިގެ 1 ގަޑިއިރުގެ ބަހުސްގެ ވަގުތު ހަމަވުމުން، ފުރުޞަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ފުރުޞަތު ދެއްވުމަށް 26 މެންބަރުންގެ އަޣްލަބިއްޔަތުން މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ފުރުޞަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުން ބަހުސް ކުރެއްވުމަށް މިއަދުގެ ޖަލްސާގައި ވަގުތު އިތުރު ކުރެވިފައިވެއެވެ.

ބަހުސްގެ މަރުހަލާގައި މި ކުއްލި މައްސަލައަށް ޖުމްލަ 21 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 4 ޖޫން 2013 ވާ އަންގާރަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

24 ރަޖަބު 1434

3 ޖޫން 2013