ރައްޔިތުންގެ މަޖިލީހުގެ ރައީސް ތައިލެންޑްގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ތައިލެންޑްގެ ބޮޑުވަޒީރު އިންގލަކް ޝިނަވަޓްރާގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ތައިލެންޑްގެ ބޮޑުވަޒީރު ރާއްޖެއަށް ޒިޔާރަތް މި ކުރެއްވީ ވަރަށް މުނާސަބު ދަނޑިވަޅެއްގައިކަމަށް ވިދާޅުވެ، އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވިއެވެ. އެއީ ތައިލެންޑްގެ ބޮޑުވަޒީރަކީ ޑިމޮކްރެސީއެއްގައި ރައްޔިތުންގެ ބަސްހާމަވެގެންދާނީ ރައްޔިތުންގެ ވޯޓަކުންކަން ވަރަށް ފުރިހަމައަށް ހާމަކޮށްދެއްވާފައިވާ ބޮޑު ވަޒީރެއްކަމުންނެވެ. އަދި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސްއާ ތައިލެންޑްގެ ޕާލިމަންޓްއާ ދެމެދު އޮންނަ ވަރަށް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ ދެމެދުގައި އެކުވެރިކަން ބަދަހިވެގެން ދިޔުމުގެ އެންމެ ބޮޑު ސިއްރަކީ ސީދާ ރައްޔިތުންނާ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ކަމަށް ވިދާޅުވިއެވެ. އަދި މިގޮތުން ރާއްޖެއާއި ތައިލެންޑާއި ދެމެދު ސީދާ ވައިގެ ދަތުރުފަތުރު ފެށިފައިވާތީ ދެޤައުމުގެ ރައްޔިތުން އެއްޤައުމުން އަނެއް ޤައުމަށް ދަތުރުކުރާ މިންވަރާ، ކުރާ ވިޔަފާރީގެ ނިސްބަތް އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެއިން ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ބޭނުންވާ ވިސާގެ މައްސަލާގައި މިހާރަށްވުރެވެސް ލުއި ގޮތެއް ހޯދައިދެއްވުމަކީ މިގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވެ، އެކަމަށް ބޮޑުވަޒީރުގެ އަރިހުން އެދިވަޑައިގަތެވެ.

ތައިލެންޑްގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި އެކަމަނާއަށް، ރާއްޖެއަށް ޒިޔާރަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތްކަމައްޓަކާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާކަމުގައި ވިދާޅުވެ، ރާއްޖޭގެ ގުދްރަތީ ރީތިކަމަށް ތަޢުރީފްކުރައްވައި ވާހަކަފުޅުދެއްކެވިއެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ރައްޔިތުންގެ މަޖިލީހުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި އެކަމަށް ހިތްވަރު ދެއްވައި ވާހަކަފުޅުދެއްކެވިއެވެ.  އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔުމަކީ އެކަމަނާގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއްކަމަށް ވިދާޅުވެ، ދިވެހި ރައްޔިތުން ތައިލެންޑަށް ދަތުރުކުރުމުގައި ބޭނުންވާ ވިސާއަށް ލުއިގޮތްތަކެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ. ތައިލެންޑްގެ ބޮޑު ވަޒީރުގެ ވާހަކަފުޅުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ތައިލެންޑަށް ޒިޔާރަތްކުރެއްވުމަށް އެދިވަޑައިގެން ދަޢުވަތު ދެއްވިއެވެ.

މިބައްދަލުކުރެއްވުންއޮތީ މިއަދު (2 ޖޫން 2013) ހެނދުނު ކުރުނބާ މޯލްޑިވްސްގައެވެ.

DSC_0053

2 ޖޫން 2013