ނޫސް ބަޔާން: މާލިއްޔަތު ކޮމިޓީން މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން ޕލކ ގެ މާލީ ޙާލަތު ދިރާސާކުރެއްވުމަށް ނިންމަވައިފި

މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން ޕލކ ގެ މާލީ ޙާލަތު ދަށްވަމުންދާ ކަމަށް ފާހަގަކުރެވިފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 100 ވަނަ މާއްދާގެ (ށ) ގެ (3) އަދި (10) ވަނަ ނަންބަރުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ ޚާއްސަ ބާރުތަކުގެ ދަށުން، އެމް.ޓީ.ޑީ.ސީ ޕލކގެ ޙާލަތު ދިރާސާކުރެއްވުމުގެ މަސައްކަތް އެ ކޮމިޓީން އެޖެންޑާ ކުރެއްވުމަށް ނިންމަވައިފިއެވެ. އެގޮތުން އެމް.ޓީ.ޑީ.ސީ ގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅަންނިންމާފައިވާ ފިޔަވަޅުތަކާއި، ކުންފުނި ދެމެހެއްޓުމަށާއި ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ޤާނޫނު ނަންބަރ: 2/99(ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް ގެނެވުނު އިސްލާޙްގެ ދަށުން ބިމު ކުލި ނެގުމަށް ގެނެވުނު ބަދަލާއި ގުޅިގެން އެ ކުންފުނިން ޢަމަލު ކުރައްވަން ޤަޞްދުކުރައްވާފައިވާ ގޮތާއިގުޅޭ މަޝްވަރާތައް ކުރެވިގެންދާނެއެވެ. އަދި މި މައްސަލައާއި ގުޅޭގޮތުން އެމް.ޓީ.ޑީ.ސީއިން ހޯދަންޖެހޭ ހުރިހާ މަޢުލޫމާތެއް އެ ކޮމިޓީގެ ފަރާތުން މިހާރު ހޯއްދަވާފައިވާކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ ދެވަނަ ދައުރު ފެށުމާއި އެކު މި މަސައްކަތް ފެށިގެންދާނެ ކަމަށްވެސް އެކޮމިޓީން މަޢުލޫމާތު ދެއްވައެވެ.

18 ރަޖަބު 1434

28 މެއި 2013