މަސްވެރިންނާއި ދަނޑުވެރިންނަށް ސަބްސިޑީ ދިނުމުގެ އުސޫލު މާލިއްޔަތު ކޮމިޓީން ކަނޑައަޅުއްވައިފި

2013 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވިއިރު ސަބްސިޑީގެ ގޮތުގައި 100 (އެއްސަތޭކަ) މިލިއަން ރުފިޔާ މަސްވެރިންނަށް ދިނުމަށް އަދި ދަނޑުވެރިންނަށް ސަބްސިޑީގެ ގޮތުގައި 50 (ފަންސާސް) މިލިއަން ރުފިޔާ ދިނުމަށް ބަޖެޓްގައި ހިމަނާފައިވާތީ، އެ ފައިސާ ސަބްސިޑީގެ ގޮތުގައި ދިނުމުގެ އުޞޫލު މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 24 ވަނަ ބައްދަލުވުމުގައި ކަނޑައަޅުއްވައިފިއެވެ.

މިގޮތުން ނިންމަވާފައިވަނީ، 2013 ވަނަ އަހަރު މަސްވެރިންނަށް ލިބިދިނުމަށް ކަނޑައަޅުއްވާފައިވާ 100 މިލިއަން ރުފިޔާއިން 1 މިލިއަން ރުފިޔާ އިދާރީ ޚަރަދަށް ކެނޑުމަށްފަހު، 99,000,000 ރުފިޔާ (ނުވަދިހަ ނުވަ މިލިއަން ރުފިޔާ) ތިރީގައިވާ ގޮތަށް ލިބިދިނުމަށެވެ:

  • މަސްވެރިކަންކުރާ އުޅަނދުފަހަރުގެ ހޯސްޕަވަރަށް ބަލައި ކޮންމެ ދަތުރެއްގައި ތެލަށްކުރާ ޚަރަދު ސަބްސިޑައިޒް ކުރުމަށް 60 މިލިއަން ރުފިޔާ. (މި ފައިސާ ލިބިދެވޭނީ 2012 ވަނަ އަހަރު ސަބްސިޑީ ލިބިދެވުނު އުސޫލުންނެވެ).
  • ކަޅުބިލަމަހުގެ މަސްވެރިކަމަށް އަމާޒުކޮށްގެން ޤާއިމްކޮށްފައިވާ އޮއިވާލި ކަނދުފަތި ވިއުގަ ބެލެހެއްޓުމާއި އެންކަނދުފައްޗާއި ބޮޑުކަންނެލީގެ މަސްވެރިކަމަށް އަމާޒުކޮށް ކަނދުފަތި ޤާއިމް ކުރުމަށް 15 މިލިއަން ރުފިޔާ.
  • ސެޓަލައިޓް މެދުވެރިކޮށް މަސް އުޅޭ ސަރަޙައްދު ހޯދައިދިނުމަށް ބޭނުންކުރާ ވަސީލަތް ޤާއިމް ކުރުމަށް 01 މިލިއަން ރުފިޔާ.
  • އައިސްޕްލާންޓާއި މަސްފިނިކުރުމުގެ އެހެނިހެން ނިޒާމް ޤާއިމް ކުރުމަށް 23 މިލިއަން ރުފިޔާ. (ނަމަވެސް، މި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ފައިނޭންޝަލް އިންސްޓިޓިއުޝަނެއް މެދުވެރިކޮށް ކޮންސެޕްޓް ޕޭޕަރެއް އެކުލަވާލެއްވުމަށްފަހު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވުމަށްފަހުއެވެ).

2013 ވަނަ އަހަރު ދަނޑުވެރިންނަށް ސަބްސިޑީގެ ގޮތުގައި ލިބިދިނުމަށް ކަނޑައަޅުއްވާފައިވާ 50 މިލިއަން ރުފިޔާ، ދަނޑުވެރިންނަށް ލިބިދިނުމަށް މާލިއްޔަތު ކޮމިޓީން ނިންމަވާފައިވަނީ، ދަނޑުވެރިންނަށް ލިބިދިނުމަށް ކަނޑައަޅުއްވާފައިވާ 50 މިލިއަން ރުފިޔާ ތެރެއިން -/500,000 (ފަސްލައްކަ ރުފިޔާ) ރުފިޔާ އިދާރީ ޚަރަދަށް ކެނޑުމަށްފަހު، -/49,500,000 (ސާޅީސް ނުވަ މިލިއަން ފަސް ލައްކަ ރުފިޔާ) ދަނޑުވެރިންނަށް ބެހުމަށް (ދަނޑުވެރިން ދަނޑުވެރިކަމުގެ މަސައްކަތަށް ހޭދަކުރާ ތަކެއްޗަށް ދެވޭ ސަބްސިޑީ) ށެވެ.

އަދި ސަބްސިޑީގެ އުޞޫލު ފާސްކުރާދުވަހުން ފެށިގެން 31 ޑިސެމްބަރ 2013 ގެ ނިޔަލަށް އެއްކޮށްދީ ޚަލާޞްކުރުމަށް އެ ކޮމިޓީން ނިންމެވިއެވެ.

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް މުޙަންމަދު، އަލިފުށި ދާއިރާގެ މެންބަރު މުހަންމަދު ނާޝިޒު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.