ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

DSC_0120ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އިންޑިއާގެ ލޮކްސަބާގެ ސްޕީކަރ ހަރ އެކްސެލެންސީ ޝްރީމަތީ މެއިރާ ކުމާރު އާއި ބައްދަލުކުރައްވައިފިއެވެ.

އެކަމަނާގެ ދައުވަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ޒިޔާރަތުގައި އެކަމަނާ އާއި ބައްދަލުކުރެއްވީ މިއަދުއެވެ. މިއަދު ހަވީރު އިންޑިއާގެ ޕާލަމެންޓް ހައުސްގައި އޮތް މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ ވަފްދުގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާއަށް ޒިޔާރަތްކުރެއްވުމަށް ދެއްވި ދަޢުވަތަށްޓަކައި އިންޑިއާގެ ސްޕީކަރ މެއިރާކުމާރަށް މަޖިލީހުގެ ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި އެމަނިކުފާނަށާއި މަޖިލީހުގެ ވަފްދަށް ދެއްވަމުންގެންދަވާ ފުރިހަމަ މެހްމާންދާރީ އަށްޓަކައި ސްޕީކަރ މެއިރާ ކުމާރަށް ޝުކުރު އަދާކުރައްވާކަމުގައި ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި އިންޑިއާއިން ރާއްޖެއަށް ދެމުންގެންދާ ތަފާތު އެހީތަކުގެ ތަކުގެ މައްޗަށް ބައްލަވާލައްވައި ކުރިމަގުގައިވެސް އެފަދަ އިތުރު އެހީތައް އިންޑިއާއިން ދިވެހިރާއްޖެއަށް ލިބެމުންދާނެ ކަމުގައި ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި އިންޑިއާއިން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ވެދެއްވަމުންގެންދަވާ ތަފާތު އެހީތަކަށްޓަކައި އިންޑިއާގެ ޤާނޫނުހަދާ މަޖިލީހަށާއި ސްޕީކަރ މެއިރާ ކުމާރަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި  ކުރިމަގުގައިވެސް މަޖިލީހުގެ އިދާރާއަށް ތަޢުލީމާއި ތަމްރީނުގެ އިތުރުފުރުސަތުތައް ލިބެމުންދާނެކަމުގައި ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.

އިންޑިއާގެ ލޮކްސަބާގެ ސްޕީކަރގެ ވާހަކަފުޅުގައި ދިވެހިރާއްޖެ އަކީ އިންޑިއާގެ ވަރަށް ގާތް އެކުވެރި ރަޙްމަތްތެރި ޤައުމެއްކަމަށާއި އެގާތްކަމާއި އެކުވެރި ކަމާއި ރަޙްމަތްތެރި ކަން އަބަދުވެސް އެގޮތުގައި ދެމިއޮންނާނެ ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ޤާނޫނުހަދާ މަޖިލީހާއި ދެމެދު އުފެދިފައިވާ ވަރުގަދަ ގުޅުން އެގޮތުގައި ދެމި އޮންނާނެ ކަމަށާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ދާނެ ކަމަށާއި އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމުގައި އިންޑިއާގެ ސްޕީކަރގެ ވާހަފުޅުގައި ވިދާޅުވިއެވެ.

26 ޖުމާދަލްއާޚިރު 1434

06 މެއި 2013