ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާގެ ޕާލަމެންޓް ހައުސް އަށް ޒިޔާރަތް ކުރައްވައިފި

DSC_0125ރައްޔިތުންގެ މަޖލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު އިންޑިއާގެ ޕާލަމެންޓް ހައުސް އަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

އެމަނިކުފާނުގެ މިޒިޔާރަތުގައި އިންޑިއާގެ ލޮކްސަބާ އާއި ރާޖާ ސަބާގައި އެވަގުތު ހިނގަމުން ދިޔަ ސެޝަން ބައްލަވާލެއްވުމަށް މަޑުކޮށް ލެއްވިއެވެ. އަދި ޕާލަމެންޓްތަކުގައި ޢަމަލުކުރަމުން ގެންދާ އުޞޫލުން، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ވަފްދުގެ މެންބަރުން ވަޑައިގެން ތިއްބެވިކަން ލޮކްސަބާ ގައިވެސް އަދި ރާޖާ ސަބާގައިވެސް ރިޔާސަތުން އިޢުލާން ކުރެއްވިއެވެ. އެގޮތުން މިއަދު ލޮކްސަބާގައި ބޭއްވުނު ޖަލްސާ ފަށްޓަވަމުން ލޮކްސަބާގެ ސްޕީކަރ ޝްރީމަތީ މެއިރާ ކުމާރު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ ވަފްދުގެ މިޒިޔާރަތަކީ ދެޤައުމުގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދިޔުމުގެ ރަމްޒެއްކަމުގައި ލޮކްސަބާގެ މެންބަރުންނާއި ރިޔާސަތުން ފާހަގަ ކުރައްވާ ކަމުގައި ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި ރައްޔިތުންގެ މަޖިލީހުގެ ވަފްދަށް މަރުޙަބާ ވިދާޅުވިއެވެ. އަދި މިތާރީޚީ ދަނޑިވަޅުގައި ޑިމޮކްރެސީ ހަރުދަނާކޮށް އޭގެ މޫތައް އަށަގެންނެވުމަށް ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތާއި މަޖިލީހުގެ ދައުރު ފާހަގަކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި މިޒިޔާރަތުގެ ސަބަބުން ދެޤައުމުގެ ރައްޔިތުންނަށްވެސް އިތުރު ފައިދާތަކެއް ކުރާނެ ކަމަށް ޔަޤީން ކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިވަފްދު މެދުވެރިކުރައްވައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށާއި ސަރުކާރަށާއި ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާކަމުގައި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާގެ ލޮކްސަބާއަށާއި ރާޖާ ސަބާއަށް މިކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ވަފްދުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

26 ޖުމާދަލްއާޚިރު 1434

06 މެއި 2013