ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސަށް މިއަދު ސިޓީފުޅެއް ފޮނުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲއަށް މިއަދު ސިޓީފުޅެއް ފޮނުއްވައިފިއެވެ.

މަޖިލީހުގެ ރައީސް ސިޓީފުޅެއް ފޮނުއްވާފައި މިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މައްޗަށް ދަޢުވާ ލިބޭ ހައިކޯޓުގެ ނަންބަރު 2013/HC-A/116 ޤަޟިއްޔާ އާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ދިވެހިރާއްޖޭގެ ހައިކޯޓަށް 22 އޭޕްރީލް 2013 އިގެ ތާރީޚުގައި ފޮނުއްވާފައިވާ ސިޓީއާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި ކޮމިޝަނުން ހައިކޯޓަށް ސިޓީއެއް ފޮނުއްވިއިރު އެސިޓީގައި ވިދާޅުވެފައިވާ ކަންތައްތަކާބެހޭގޮތުން ކޮމިޝަނުގައި މަޝްވަރާ ކުރުމެއްނެތި އެސިޓީ ފޮނުއްވި ކަން އެއީ މަޖިލީހުގެ ރައީސް ކަންބޮޑުވެ ވަޑައިގެން އެކަމާ ހިތާމަކުރައްވާކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ.

އަދި ކޮމިޝަނުގެ ސިޓީގައި ވިދާޅުވެފައިވާ ބައެއް ވާހަކަތަކަކީ ކޮމިޝަނުގެ ޤާނޫނީ ވަކީލު ޝަރީޢަތުގެ މަޖިލީހުގައި ދައްކަވަންޖެހޭ ވާހަކަތަކެއް ކަމަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ގޮތްނިންމަން އޮތް ކޮމިޝަނެއް ކަމަށްވާއިރު ޝަރީޢަތްކުރައްވާ ފަނޑިޔާރަކު ވަކި ގޮތަކަށް ކަން ކުރައްވަން ޖެހޭނެކަމަށް ކޮމިޝަނުން ދެކޭކަމަށް ވިދާޅުވެ ސިޓީއެއް ފޮނުއްވުމަކީ މަޖިލީހުގެ ރައީސް ޤަބޫލުކުރައްވާ ގޮތެއް ނޫންކަމުގައި މަޖިލީހުގެ ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

20 ޖުމާދަލްއާޚިރު 1434

30 އޭޕްރީލް 2013