ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލުގެ ބަހުސް މަރުހަލާ ނިންމަވާލައްވައިފި

ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލުގެ ބަހުސްގެ މަރުހަލާ މިއަދު ނިންމަވާލައްވައިފިއެވެ. މި ބިލަށް ޖުމްލަ 7 މެންބަރުން މިއަދު ބަހުސް ކުރައްވާފައިވެއެވެ.

 މި ބިލު މަޖިލީހުން ބަލައިގަންނަން ފެނޭތޯ ވޯޓަށް އެހުން އޮންނާނީ މާދާމާ ވޯޓަށް އެހުމަށްހުރި ކަންކަމަށް ވޯޓަށް އަހާ ވަގުތުގައެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ދުވާފަރު ދާއިރާގެ މެންބަރުން މުޙައްމަދު ޒުބައިރު ހުށަހެޅުއްވި ކުއްލި މައްސަލަކަމުގައިވާ “ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްގަންނަ އަގުގެ ތަފާތު ބޮޑުވުމުގެ ސަބަބުން، ފެލިވަރު ބަދަރަށް ގޮސް މަސްކިރާ މަސްވެރިންނަށް ތަފާތުކުރެވެމުންދާ ކަމަށް ފާހަގަ ކުރެވުނު ހިނދު، މި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ބައްލަވާދެއްވައި، ފެލިވަރު ބަނދަރަށް މަސްކިރާ މަސްވެރިންނަށްވެސް އެހެނިހެން ސަރަހައްދު ތަކުގައި ލިބޭ އަގު ހޯއްދަވައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުން” އަށް 21 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ. މި ކުއްލި މައްސަލައަށް ބަހުސް ކުރައްވާފައިވަނީ 23 މެންބަރުން އަޤްލަބިއްޔަތުން މަޖިލީހުން ފާސްކުރެއްވުމާގުޅިގެންނެވެ.

 މީގެއިތުރުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް މަރުހަލާ މިއަދު ފައްޓަވައި މި ބިލަށް 7 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ. ނަމަވެސް މި ބިލު ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 79 ވަނަ މާއްދާގެ ދަށުން ބިލު ހުށަހެޅުއްވި މެންބަރު އަނބުރާ ގެންދަވާފައެވެ.

 މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލް 1 އަދި 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށަހެޅުއްވައި 8 މެންބަރަކު ބަހުސް ކުރައްވާފައިވެއެވެ. އަދި “ކޮންވެންޝަން ފޮރ ދަ ސަޕްރެޝަން އޮފް އަންލޯފުލް އެކްޓްސް އެގެއިންސްޓް ދަ ސޭފްޓީ އޮފް މެރިޓައިމް ނެވިގޭޝަން 1988”  އަދި، “ޕްރޮޓޮކޯލް ފޮރ ދަ ސަޕްރެޝަން އޮފް އަންލޯފުލް އެކްޓްސް އެގެއިންސްޓް ދަ ސޭފްޓީ އޮފް ފިކްސްޑް ޕްލެޓްފޯމްސް ލޮކޭޓަޑް އޮން ދަ ކޮންޓިނެންޓަލް ޝެލްފް 1988” ގައި ދިވެހިރާއްޖޭން ބައިވެރިވުމުގެ މައްސަލަ،  ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ހުށަހެޅުއްވައި 2 މެންބަރަކު ބަހުސް ކުރައްވާފައިވެއެވެ.

 ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 23 އޭޕްރީލް 2013 ވާ އަންގާރަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

12 ޖުމާދަލްއާޚިރު 1434

22 އޭޕްރީލް 2013