ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ބިލު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ބިލު ކޮމިޓީން ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރައްވާފައިވަނީ 42 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. 10 މެންބަރުން ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ރިޕޯޓަށް އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު ހުށަހަޅުއްވައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު ތާއީދުކުރެއްވި އިޞްލާހަށް ވޯޓަށް އަހާފައިވެއެވެ. އެހެންނަމަވެސް މި އިޞްލާޙް ފާސްކުރައްވާފައެއް ނުވެއެވެ.

މީގެއިތުރުން ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 78/71 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭންބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ. މިއަދުގެ ޖަލްސާގައި މިބިލަށް 18 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 16 އޭޕްރީލް 2013 ވާ އަންގާރަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

5 ޖުމާދަލްއާޚިރު 1434

15 އޭޕްރީލް 2013