ނޫސް ބަޔާން

ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުބާރުނެތްކަމުގެ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުން ވޯޓުލުމުގައި ޢަމަލުކުރާނެ އުޞޫލެއްގެ ލަފައަކަށް އެދި، އެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީއަށް ފޮނުއްވުމަށް 8 އޭޕެރިލް 2013 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ނިންމެވި ނިންމެވުމާ ގުޅިގެން އެކިއެކި ޚަބަރު ފަތުރާ ވަޞީލަތްތަކުން ކަމުގެ ޙަޤީޤަތް އޮޅޭ ގޮތަށް އެ ޚަބަރު ގެނެސްދެއްވަމުން ގެންދަވާކަން ހިތާމަޔާއެކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފާހަގަކުރަމެވެ.

ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުބާރުނެތްކަމުގެ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުން ވޯޓުލުމުގައި ޢަމަލުކުރާނެ އުޞޫލެއްގެ ލަފައަކަށް އެދި، އެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީއަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ނިންމެވި ސަބަބު ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންވަނީ 8 އޭޕްރިލް 2013 ގައި ނޫސް ބަޔާނެއް ނެރެފައެވެ. އެހެންނަމަވެސް، އެއްވެސް ނޫހަކުން އެ ނޫސް ބަޔާނާގުޅޭ އެއްވެސް ޚަބަރެއް ގެނެސްދެއްވާފައިނުވާކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފާހަގަކުރަމެވެ.

އެ ނޫސް ބަޔާނުގައި ދަންނަވާފައިވާ ފަދައިން، އިސްވެދެންނެވި މައްސަލަ ޢާންމު ކޮމިޓީއަށް ފޮނުއްވުމަށް މަޖިލީހުގެ ރިޔާސަތުން ނިންމަވާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގައި ނަގަންޖެހޭ ޙާލަތްތަކުގައި، އެ ވޯޓު ނަގާނީ ސިއްރު ވޯޓެއްގެ ގޮތުގައި ކަމަށް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާއާއި 177 ވަނަ މާއްދާއަށް، 3 ޑިސެމްބަރ 2012 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގައި ނެންގެވި ވޯޓަކުން އިޞްލާޙު ގެންނަވައިފައިވަނިކޮށް، އެ އިޞްލާޙަކީ، ޤާނޫނުއަސާސީއާ ޙިލާފު ބާޠިލް އިޞްލާޙެއްކަމަށް، 14 މާޗް 2013 ގައި ސުޕްރީމް ކޯޓުގެ ނަންބަރު 36/SC-C/2012 އިން ނިންމަވާފައިވާތީ، އެ ނިންމެވުމާ ގުޅިގެން އެ އިޞްޙުތައް ބާޠިލްވެގެން ގޮސްފައިވާތީއާއި، އެ އިޞްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމުގެ ކުރިން، އެ އިޞްލާޙު ރައްދުވާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮތް އަދި ރައްޔިތުންގެ މަޖިލީހުން ކުރިން ޢަމަލުކުރައްވަމުން އައިސްފައިވާ މާއްދާތަކަށް ވެގެންދާނެ ގޮތެއް ސާފުނޫންކަމުން، އެ ޙުކުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އެއްވެސް އިޞްލާޙެއް ގެންނަންޖެހޭނަމަ، އެކަމެއް ދިރާސާކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކަމާ ގުޅޭ ރިޕޯޓް ތައްޔާރުކުރައްވައި، އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށްޓަކައެވެ. އެ މަސްއޫލިއްޔަތަކީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 94 ވަނަ މާއްދާގެ ދަށުން، ޢާންމު ކޮމިޓީގެ މަސްއޫލިއްޔަތަކެވެ. އެއްވެސް ޙާލަތެއްގައި، އެ މައްސަލަ ޢާންމު ކޮމިޓީއަށް ފޮނުއްވާފައިވަނީ އިސްވެދެންނެވި ސުޕްރީމް ކޯޓުގެ ޙުކުމް ދިރާސާކުރެއްވުމަކަށް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކަމުގައި ޢަމަލުކުރައްވާފައިވަނީ، އަދި ޢަމަލުކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި އުސޫލުތަކުގެ ތެރެއިން، އަދި އެހެން މައްސަލަތަކުގައިވެސް ޢަމަލުކުރައްވަމުން އަންނަ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި، އެ މައްސަލަ ޢާންމު ކޮމިޓީއަށް ފޮނުއްވާފައިވަނީ އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރައްވާފައިވާ ޙުކުމަށް އިޙްތިރާމްކުރެއްވުމުގެވެސް ގޮތުންނެވެ.

ވީމާ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުބާރުނެތްކަމުގެ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުން ވޯޓުލުމުގައި ޢަމަލުކުރާނެ އުޞޫލެއްގެ ލަފައަކަށް އެދި، އެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީއަށް ފޮނުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ނިންމެވި ނިންމެވުމާ ގުޅިގެން އެކިއެކި ޚަބަރު ފަތުރާ ވަޞީލަތްތަކުން ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅޭ ގޮތަށް އެ ޚަބަރު ގެނެސްދެއްވަމުން ގެންދަވާތީ އެކަމާ ހިތާމަކުރާ ވާހަކަ ދަންނަވަމެވެ.

4 ޖުމާދަލްއާޚިރު 1434

14 އޭޕްރީލް 2013