ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި

ސަރުކާރުގެ ފަރާތުން، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

މި ބިލު ބަލައިގަނެފައިވަނީ 57 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މި ބިލު މަޖިލީހުން ބަލައިގަތުމާގުޅިގެން ބިލު ދިރާސާ ކުރެއްވުމަށް ވަގުތީ ކޮމިޓީ އުފެއްދުމަށް ވަނީ ފާސްކުރައްވާފައެވެ. މި ގޮތަށް ފާސްކުރެއްވީ 49 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 6 މެންބަރުން ވޯޓް ދެއްވިއިރު 1 މެންބަރަކު ވަކި ފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މި ބިލު ދިރާސާކުރެއްވުމަށް ވަގުތީ ކޮމިޓީއެއް އުފެއްދެވުމަށް ފާސްކުރެއްވުމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 116 ވަނަ މާއްދާގެ (ނ) ގެ ދަށުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހަޅުއްވައި މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު ތާއީދުކުރައްވައި 11 މެންބަރުންގެ ވަގުތީ ކޮމިޓީއެއް ހޮއްވެވުމަށް ފާސްކުރެވުނެވެ. މިގޮތަށް ފާސްކުރެއްވީ 50 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓް ދެއްވާފައިވާއިރު 2 މެންބަރުން ވަކި ފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

އެއަށްފަހު މިއަދުގެ ޖަލްސާގައި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވައި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ތާއީދުކުރެއްވި، ކޮމިޓީގައި ހިމެނުމަށް ފެނިވަޑައިގަންނަވާ 11 ބޭފުޅުންގެ ނަންފުޅު ވަނީ ފާސްކުރައްވާފައެވެ. މިނަންފުޅުތައް ފާސްކުރައްވާފައިވަނީ 53 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މި ހުށަހެޅުން ފެނިވަޑައިނުގަންނަވާކަމަށް 5 މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ. މި ވަގުތީ ކޮމިޓީގައި ތިއްބެވުމަށް ހޮއްވެވުނު 11 މެންބަރުންނަކީ ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖްތާޒް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އެވެ.

މިއަދުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެންގެވި ވޯޓަކުން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުން ގ.ކޮއްކިރި މުޙަންމަދު ފަހުމީ ޙަސަން ވަކިކުރައްވާފައިވަނިކޮށް، އޭނާ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުން ވަކިކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށްކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމް ކޮށްފައިވާތީ، އެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް ވަނީ ފާސްކުރައްވާފައެވެ. މިގޮތަށް ފާސްކުރެއްވީ 42 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 16 މެންބަރުން ވޯޓް ދެއްވާފައިވާއިރު 3 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއްނުވެއެވެ.

މީގެއިތުރުން ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގެންނެވުމަށް ވަނީ ފާސްކުރައްވާފައެވެ. މިގޮތަށް ފާސްކުރެއްވީ 54 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް އެއްވެސް މެންބަރަކު ވޯޓް ދެއްވާފައިނުވާއިރު 8 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ. މި ބިލު ބަލައިގަތުމާގުޅިގެންވަނީ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ދިރާސާކުރެއްވުމަށް ފޮނުވިފައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 15 އޭޕްރީލް 2013 ވާ ހޯމަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

29 ޖުމާދަލްއޫލާ 1434

10 އޭޕްރީލް 2013