އިންޑިއާގެ ހައިކޮމިޝަނަރ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

CHR_0743

އިންޑިއާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރ ހިޒް އެކްސެލެންސީ ހިޒް އެކްސެލެންސީ ރާޖިވް ސަހޭރާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވާހަކަފުޅުދައްކަވަމުނ، އިންޑިއާއަކީ ރާއްޖޭގެ ވަރަށް ގާތް ރަހުމަތްތެރިއެއްކަމަށާއި، މި ޒަމާންވީ ގުޅުން ރަމްޒުކޮށްދެނީ ބައިނަލްއަޤްވާމީ ދާއިރާގައި ކުދި ޤައުމުތަކާއި ބޮޑެތި ޤައުމުތަކާއި ދެމެދު ގުޅުން ބިނާވެގެންދާންޖެހޭނީ އެއް ބަޔަކު އަނެއް ބަޔަކަށް އިޙްތިރާމުކުރުމުގެ ބައިނަލް އަޤްވާމީ ޤާނޫނު މައްޗަށްކަމަށް ވިދާޅުވެއެވެ. އަދި މިގޮތުން އިންޑިޔާގައި ދިރިއުޅޭ ދިވެހިންނަން އިތުރު ލުއިތަކެއް ލިބޭނެ ގޮތްތަކެއް ހޯއްދެވުމަށް މަސައްކަތްކޮށް ދެއްވުމަށާ އިންޑިޔާއަށް ދަތުރުކުރާ ދިވެހިންނަށް މިހާރަށްވުރެން ފަސޭހަކޮށް އިންޑިޔާއަށް ދަތުރުކުރެވޭނެ ގޮތްތަކެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، މި ދެ ޤައުމު ދެމެދުގައި އޮންނަ ގުޅުމަކީ ވަރުގަދަ ބިންގާ ތަކެއްގެ މައްޗަށް ބިނާވެފައިވާ ވަރަށް ވަރުގަދަ ޒަމާނީ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.