ސަރުކާރުގެ ފަރާތުން، ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖްތާޒް ހުށަހަޅުއްވާފައިވާ، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންނެފިއެވެ.
މި ބިލު ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެންބަރުންގެ އިއްތިފާޤުންނެވެ. މިބިލު ބަލައިގަތުމާގުޅިގެން މިބިލު ދިރާސާކުރެއްވުމަށް ވަނީ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވިފައެވެ.
މީގެއިތުރުން ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާތޯ ވޯޓަށް އަހާފައިވެއެވެ. އެހެންނަމަވެސް މިބިލު ބަލައިގަންނަން މަޖިލީހުން ފާސްކުރައްވާފައެއް ނުވެއެވެ.
މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/9 (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު އިބްތިދާއީ ބަހުސް ފައްޓަވާފައިވެއެވެ. މި ބިލަށް ޖުމްލަ 7 މެންބަރުން މިއަދު ބަހުސް ކުރައްވާފައިވެއެވެ.
އަދި ސަރުކާރުގެ ފަރާތުން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު ހުށަހަޅުއްވާފައިވާ، ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ބިލުގެ ބަހުސާއި މާވަށު ދާއިރާގެ މެންބަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ، ހުޅުލޭގައި އޮންނަ ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ޙިމާޔަތްކުރުމުގެ ބިލުގެ ބަހުސާއި ސަރުކާރުގެ ފަރާތުން، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ހުށަހަޅުއްވާފައިވާ، ޕައިރަސީއާއި އެއާގުޅޭ އެހެން ކުށްތަކުގެ ބިލުގެ ބަހސް މިއަދު ނިންމަވާލައްވާފައިވެއެވެ.
ވަގުތު ހަމަވެގެން މިއަދުގެ ޖަލްސާ ނިންމަވާލެއްވިއިރު ބަހުސް ކުރެވެމުންދިޔައީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 3 އޭޕްރީލް 2013 ވާ ބުދަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.
21 ޖުމާދަލްއޫލާ 1434
02 އޭޕްރީލް 2013