މިނިވަން މުއައްސަސާ ކޮމިޓީގެ 17 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ބޭއްވުނު މިނިވަން މުއައްސަސާ ކޮމިޓީގެ 17 ވަނަ ބައްދަލުވުމުގައި، ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރ: 4/2013) ތަސްދީގް ކުރެއްވުމުގެ ކުރިން މޯލްޑިވިއަން ޑިމޮކްރެޓިކް އެލައަންސް (އެމް.ޑީ.އޭ) އިން ހުށައަޅުއްވާފައިވާ ފޯމުތައް ބަލައި ނުގަނެ އެފޯމުތަކަށް ރިއާޔަތްނުކޮށް އެ ޕާޓީ ދަފްތަރުން އުނިކޮށްފައިވާތީ އެއީ ކޮމިޝަނުން ކިހިނެތްކުރެއްވިކަމެއްކަން، އެގޮތަށް ކޮމިޝަނުން ނިންމަވާފައިވަނީ ކީއްވެގެންކަން، ސާފުކުރެއްވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކޮށް ކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން އަމަލުކުރެއްވިގޮތް ކޮމިޓީން ބެއްލެވުމަށް ނިންމެވީ ބައިވެރިވަޑައިގެންނެވި 05 މެންބަރުންގެ އިއްތިފާގުންނެވެ.

އަދި ކޮމިޓީއަށް ކޮމިޝަންގެ ބޭފުޅުން ހާޒިރުކުރެއްވުމަށް ނިންމަވާފައިވަނީ 03-04-2013 ވަނަ ބުދަ ދުވަހުގެ 11:15 ގައެވެ.

ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވައި ދެއްވާފައިވަނީ ކޮމިޓީގެ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އެވެ.

މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިންއެވެ.