ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

5555މިބިލު ފާސްކުރައްވާފައިވަނީ 51 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

މީގެއިތުރުން ވިޔަފާރި ރަޖިސްޓަރީކުރުމުގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްނުވުމާއިގުޅިގެން ވަނީ ރައްޔިތުންގެ މަޖިލީހުގެ 85 ވަނަ މާއްދާގެ (މ) ގެ ދަށުން ދިރާސާކުރެއްވުމަށް އަނބުރާ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވިފައެވެ. މިގޮތަށް ފާސްކުރައްވާފައިވަނީ 49 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި 3 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

     މީގެއިތުރުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް މިއަދު ވޯޓަށް އައްސަވާފައިވެއެވެ. އެހެންނަމަވެސް މިބިލު ބަލައިގަތުމަށް ފާސްކުރައްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފަށްޓަވާފައިވެއެވެ. އަދި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ނ) ގައި ރަނގަޅު ފެންވަރުގެ ސިއްޙީ ޚިދުމަތްތައް ލިބުމަކީ އަސާސީ ޙައްޤެއް ކަމުގައި ބަޔާންކޮށްފައިވާހިނދު، ރައްޔިތުންނަށް އަސާސީ ސިއްޙީ ޚިދުމަތް ދިނުމުގެ ގޮތުން ދައުލަތުން ދެމުންގެންދާ އާސަންދަ ނިޒާމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، އެކަށީގެންވާ ޚަރަދެއް ދައުލަތުން ކުރަމުން ނުދިއުމުގެ ސަބަބުން ވަރަށް ނިކަމެތި ހާލުގައި ޖެހިފައިވާ އެތަކެއް ދިވެހި ރައްޔިތުންނެއް ރާއްޖެއާއި ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކުގައި އެނދުމަތި ކުރެވި ނިކަމެތި ހާލުގައި މިކަމަށް އެކަށޭނަ ހައްލެއް ހޯދުމުގެ ގޮތުން ހުށަހަޅާ ޤަރާރުގެ ބަހުސްގެ މަރުހަލާ ނިންމަވާފައިވެއެވެ.

މީގެއިތުރުން ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ މަޖިލީހަށް އިއްވަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 27 މާޗް 2013 ވާ ބުދަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

14 ޖުމާދަލްއައުލާ 1434

26 މާރޗް 2013